“މަދަނަ” ގައި ބައިވެރިވުމަށް ދިވެހި ރައްޔިތުން އަވަސްވެނުގަތުމަށް އިލްތިމާސްކުރަން!
28 . 01 . 2010 | ޖަމްޢިއްޔަތުއްސަލަފް | ޚަބަރު

madhana

ސަރުކާރުގެ ބޭސްފަރުވާގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި ތަޢާރަފު ކުރެވިފައި މިވާ، މަދަނައިގައި ބައިވެރިވުމުގެ ކުރިން އެއާއި މެދު ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުންވިސްނައި، އެކަމުގެ ތަޖުރިބާކާރުންނާއި މަޝްޥަރާ ކުރުމަކީ ދުރުވިސްނޭ ބުއްދިވެރި ކަމެކެވެ.

މަދަނަ ސްކީމްއާއި ގުޅޭގޮތުން ރާއްޖޭގެ އެކިއެކި ފަރާތްތަކުންނާއި ވަކިވަކި ފަރުދުންވެސް ޖަމްޢިއްޔަތުއްސަލަފްއަށް ތަފާތު ގޮތްގޮތަށް ސުވާލުތައް އަމާޒުކުރަމުން ދިއުމާއި އަދި އާދަޔާ ޚިލާފް ހަލުވިކަމެއްގައި މުޅި ރާއްޖެއަށް އަމާޒުކޮށް ފަތުރައި، މަދަނައިގައި ބައިވެރިނުވެ އެއްވެސް މީހަކަށް ނުހުރެވޭނޭފަދަ ބައްޓަމަކަށް މިސްރާބު ދިވެހިރާއްޖޭގެ ބޭސްފަރުވާގެ ކަންތައްތައް އަމާޒުކުރުވަމުންދާ މަންޒަރު، ފެންނާތީއާއެކު ޖަމްޢިއްޔަތުއްސަލަފްއިން މިކަމާއި މެދު ޢާއްމު ރައްޔިތުން ހޭވެރިކުރުވައި ސަމާލުކަމަށް ގެނައުމަކީ ކޮންމެހެން ލާޒިމްވެއްޖެ ކަމެއް ކަމުގައި ދެކެމެވެ.

މިކަމުގައި ޖަމްޢިއްޔަތުއްސަލަފުން އެކިފަރާތްތަކާ މަޝްވަރާކޮށް ކަންހުރިގޮތްތައް ހޯދައި ބެލިބެލުމުން، ނިމުމަކަށް އާދެވިފައިވަނީ ، މިފަދަ ކަމެއްގައި ދިވެހިރާއްޖޭގައި ތިއްބެވި، މި ދާއިރާގެ މުތަޚައްޞިޞުންނާއި އަދި އިތުބާރު ހިފޭ ދީނީ ޢިލްމުގެ އަހުލުވެރިންނާއި އެކު މަޝްޥަރާކޮށް މިކަމުގެ ޙުކުމެއް ދެނެގަނެ އެޙުކުމް ޢާއްމުންނާއި ހަމައަށް ފޯރުކޮށް ދިނުމަށެވެ. އެހެންކަމުން ރަސްމީ ޤަރާރެއް ނެރެން ޤަޞްދުކުރަނީ އެފަދަ މަޝްޥަރާއަކަށް ފަހުގައެވެ. މިހާރު އެކަން އިންތިޒާމު ކުރެވޭތޯ މުސްލިމުންގެ ގުޅުމާއި ޖަމްޢިއްޔަތުއްސަލަފްއާއި އެކުގައި ދަނީ ޚިޔާލު ބަދަލުކުރެވެމުންނެވެ. ތަޥްފީޤް ދެއްވާނީ މާތް ﷲ އެވެ.

އޭގެކުރިން ޖަމްޢިއްޔަތުއްސަލަފުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކޮށް ޚިޔާލް އަރުވަން ބޭނުންވަނީ މިދަނޑިވަޅުގައި އަދި މަދަނައިގައި ބައިވެރިވުމަށް އަވަސްވެ ނުގަތުމަށެވެ. އޭގެ ބައެއް ސަބަބު ތިރީގައި ފާހަގަކޮށްލަމެވެ.

1- މަދަނައަކީ އިންޝުއަރެންސް ވިޔަފާރިއަށް ބިނާވެގެން ހިނގަމުންދާ އެއްޗެއްކަން މިހާތަނަށް ހާމަވެ އެނގިފައިވުމާއި، އަދި އިންޝުއަރެންސް ވިޔަފާރި ޢާއްމު ގޮތެއްގައި ދުނިޔޭގައި ހިނގަމުންދަނީ އިސްލާމީ ވިޔަފާރި އުޞޫލުތަކާއި މުޅިން ޚިލާފަށް ކަމުގައިވުމުން، އެއީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުމުގެ ތެރޭގައި ހިމެނިފައިވާ ހުއްދަނޫން ވިޔަފާރީގެ ތެރެއަށް ވަދެގެންދާ ކަމެއް ކަމުގައި ވާތީއެވެ.

2- ދިވެހި ރާއްޖޭގައި ނިކަމެތީންނަށް އެހީވުމަށްޓަކައި ކުރިން އެކުލަވާލެވިފައިވާ އޮތް ވެލްފެއަރ ފަންޑަށް ދޫކުރާ ފައިސާވެސް މަދަނައިގެ އިންޝުއަރަންސްގެ ތެރެއަށް ލާން ސަރުކާރުން ނިންމަމުން ދިއުމާއި، މީގައި ބައިވެރިނުވެ ނިކަމެތި ރައްޔިތުންނަށް ރާއްޖޭގައި އެހެންޏާ ބޭސްކުރެވޭ އަގުގައި ބޭސް ބޭސްކުރުމުގެ ފުރުޞަތު ކައިރި މުސްތަޤްބަލެއްގައި ބަންދުވުމުގެ ބިރު އޮތުމުންނެވެ.

3- ރައްޔިތުންނަށް ބޭސްފަރުވާ ކުރުމުގައި މަދަނައަކީ އެންމެ ކުންފުންޏަކަށްވެފައި މަދަނައިން މިކަން ކުރުމުގައި، ރައްޔިތުން ލާއްވަމުންލާއްވަމުން މީގެ ތެރެއަށް ވަކި ތާރީޚެއްގެ ކުރިން ވަދެ ހަމަވެގެން ތިބެންޖެހޭ ކަހަލަ ކެމްޕޭނެއް ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާއިރު އަނެއް ފަރާތުން ރާއްޖޭގެ ރަސްމީ ހޮސްޕިޓަލުގެ މެނޭޖްމަންޓް ބަދަލުވެ ދެން އެތަނުގެ އަގުތައް އުފުލިގެން ދާނެ މިންވަރާއި މެދު ރައްޔިތުންނަށް ސުވާލު އުފެދޭ ތީއެވެ.

4- ބޭސްފަރުވާގެ މިހާ ބޮޑު ވިޔަފާރިއެއް ސަރުކާރުން ރައްޔިތުންގެ މައްޗަށް ތަންފީޒުކުރާން މަސައްކަތް ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލިސްގެ މަޝްވަރާއާއި ބަޙުޘައް ހުޅުވާލެވިފައި ނެތުމުންނެވެ.

5- މަދަނައިގެ ސިޔާސަތުގައިވެސް އޮޅުން ނުފިލާ ކަންތައްތަކެއް ހުރުމާއި އެކަންތައްތައް ޢާންމުންނަށް ސާފުކޮށް އެނގޭނޭ އެއްވެސް ދޮރެއް ހުޅުވިފައި ނެތުމުންނެވެ.

މިނޫންވެސް މިފަދަ އެތައް އަޅައިގަންނަ ދިމަދިމާލެއް ހުރުމުން ޖަމްޢިއްޔަތުއްސަލަފުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްތިޔުންނަށް އިލްތިމާސް ކުރަނީ މަދަނައިގައި އަވަސް އަރައިގަނެގެން ބައިވެރިވުމީ ބުއްދިވެރި ކަމެއް ކަމުގައި ނުފެންނަކަމަށާއި، ދިރިއުޅުމުގެ ޙާލަތު ނިޔާކުރާ ގޮތުން ކޮންމެހެން ބައިވެރިނުވެ ބޭސްފަރުވާ އަތްފޯރާނެ ހިސާބަށް ގެނެވޭން ނެތިއްޖެނަމަ ޢިލްމުވެރިންނާއި މަޝްޥަރާކުރުމަށް ފަހު މަޝްވަރާގެ މަތިން އެކަން ގެންދިއުމަށެވެ.

މާތް ﷲ އީ އޯގާވަންތަ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. والحمد لله رب العالمين.

މިލިޔުން ރަޙްމަތްތެރިއްކަށް ފޮނުވުމަށް


2 ޚިޔާލު

  1. އަހުމަދާ

    ތިޔަ ދެންނެވި ކަންތަކުގައި ރަނގަޅުވާހަކަތަކެއް އެބަހުއްޓެވެ. އަދި ތިޔަ ބައްދަލުވުންތަކުގައި ހަމައެކަނި ދީނީ އިލްމެވެރިން ބައިވެރިކުރުމުގެ ބަދަލުގައި ވިޔަފާރި ދިރާސާކުރައްވާ ބޭފުޅުން ބައިވެރި ކުރުން މުހިންމެވެ. އެމެރިކާގެ އިންޝިއުރެންސް ކުންފުނިތައްވެސް ބާރުގަދެވެ މީހުންގެ އަތްނުފޯރާހަމައަށް އަސާސީ ސިއްހީ ހިދުމަތް ވަނީގޮސްފައެވެ. މިހާރު އެތަނުގެ ސަރުކާރުންދަނީ އެއިންޝިއުރަންސް އަގު ތިރިކުރެވޭނެ ގޮތެއް ހޯދުމެވެ. އެހެންވެގެން މިފަދަ ކަންކަމަށް ބަލާ، އެފަދަ ކަންތައްތައް ދަންނަމީހުންގެ މަޝްވރާ ހޯދުން މުހިންމެވެ. ތިޔަ ކުރައްވާ މަސައްކަތުގައި މާތްﷲ ރަހްމަތް ލައްވާށިއެވެ.


  2. އައިމިނަތު

    އަޅުގަނޑަކީ ސަރުކާރު މުވައްޒަފެއް ސަރުކާރުން އަޅުގަނޑުވެސް ވަނީ މަދަނައިގަ ބައިވެރިކޮށްފަ ޑޮކްޓަރަށް ދައްކާއިރު ދެއްކުމަށް ކޮންމެވެސް ވަރެއް އަދި ބޭސް ނަގާއިރު އަތުން 40.00 ރުފިޔާ ދައްކަން ޖެހޭ އަޅުގަނޑު ހިތައްއަރަނީ ދީނީ ގޮތުން މިކަން ހުއްދަވާނެބާ؟
    ސަރުކާރުންވެސް ކަމެއް ނިންމާއިރު އެއީ ދީނީ ގޮތުން ހުއްދަކަމެއްތޯ ނުވަތަ ހުއްދަނޫންކަމެއްތޯ ބަލައިފަ ނޫނީ އެކަމަކައިގެން ކުރިއަށް ގޮސްގެން ނުވާނެއެވެ.
    ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ރަޙުމަތް ލައްވާށިއެވެ.


ޚިޔާލު ފާޅުކުރެއްވުމަށް